ދިވެހި ރާއްޖެ ހަމަ މި ހާލަތަށް ވެއްޓުނީ ހެއްޔެވެ؟
Posted By Hilath
ހަވީރު ނޫހުގައި އޮތް ހަބަރެއްގައި ބުނާ ގޮތުން 12 އަހަރުގެ ފިރިހެން ކުއްޖަކާއެކު އޭނާގެ ދޮން ބައްޕަ ގަދަކަމުުން ބަދުއަޚުލާގީ އަމަލު ހިންގަމުން ދިއުމާއެކު އެކަން އެ ކުއްޖާ އެ ކުއްޖާގެ މަންމަ ގާތު ބުނުމުން، އެ ކުއްޖާގެ މަންމަ އެކަން ގަބޫލު ނުކުރުމުން، އެ އަމަލެއް ކުރިއަށް ދިޔަ މަންޒަރު، އާއިލާއިން ހެކީގެ ގޮތުގައި ބޭނުން ކުރުމަށް، ވީޑިއޯ ކުރި ކަމެވެ.
ރާއްޖޭގެ ހާލަތު މި ދަރަޖައަށް ވެއްޓުނީހެވެ؟ ހަވީރުގެ އެ ޚަބަރަށް ކޮމެންޓް ކޮށްފައިވާ މީހަކު ބުނެފައިވެއެވެ: ނުހުއްޓުވާ ވީޑީއޯތޯކުރީ… އޭރުން އެވީ ކޯންޗަކަށް… ކުށަކަށް ނޫންތޯ؟؟؟؟ މިރާއްޖޭގެ ކޯޓުތަކުން ވީޑިއޯއަކަށް ވުރެ ހެކިންގެ ހެކިބަސް ގަދަ…
އަޅުގަނޑުގެ ބޮލަށް އުނދަގޫވީ، ހެކި ހޯދުމުގެ ބޭނުމުގައި ނަމަވެސް އެފަދަ އަނިޔާއެއް ކުއްޖަކަށް ހިނގުމަށް ދޫކޮށްލުމެވެ.
މިކަމުން އަންގައިދެނީ ކޮން ކަމެއް ހެއްޔެވެ؟ ކޮމެންޓޭޓަރު އެ ބުނާހެން ރާއްޖޭގެ ކޯޓުތަކުގައި ވީޑިއޯއަށްވުރެ ހިކެންގެ ހެކިބަސް ގަދައެވެ. އެހެންކަމުން އެ ކުއްޖާގެ އާއިލާއިން ޖާސޫސް ކުރަމުން ދަނިކޮށް އެފަދަ ޖަރީމާއެއް އެމީހުންގެ ލޮލު ކުރިމަތީގައި ކުރިއަށް ދިއުމަށް ޖާގަ ދިނީ ކީއްވެ ހެއްެޔެވެ؟ އެމީހުންގެ ހެކި ބަސް ފުދޭނެ ނޫން ހެއްޔެވެ؟ އެމީހުންނަށް އެކަން ފެނުނުހާ އަވަހަކަށް ހުއްޓުވަން ޖެހޭނެ ނޫން ހެއްޔެވެ؟ އަދިވެސް ވީ ވީޑިއޯ ކުރަން ހެއްޔެވެ؟ އެ މީހުންގެ ރަހުމް ކޮބައި ހެއްޔެވެ؟ އެމީހުންގެ އިންސާނިއްޔަތުުކަން ކޮބައި ހެއްޔެވެ؟ އެމީހުންގެ ސިކުނޑި ހަމަޖެހޭ ހެއްޔެވެ؟
އަޅުގަނޑު ދެން ކަންބޮޑުވަނީ، ދެން ހުރި ގިނަ ކޮމެންޓްތަކަށް ބަލާއިރު، މި ނާމާން ޕޮއިންޓް ގިނަ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައި ނުވާތީއެވެ. ހެޔޮ ނިޔަތެއްގައި ނަމަވެސް، އެ ކުއްޖާ ސަލާމަތް ކުރުމަށް ނަމަވެސް، އެ ކުއްޖާ ނުރައްކަލަށް ހުށަހެޅުނު ވަގުތު އެ ކުއްޖާ ސަލާމަތް ނުކުރީމައެވެ. ބައެއް ދިވެހިން އެ މީހުން އެ މީހުންގެ ސިކުނޑި ބޭނުން ކުރާ ގޮތާމެދު އަޅުގަނޑު ހަމަ ހައިރާންވެ އަންތަރީސްވެއެވެ.


